ބިންހެލުމުގައި ބިމާ ހަމަވި އިމާރާތުން ދަރިފުޅު ސަލާމަތްކުރީ އަމިއްލަ ފުރާނަ ގުރުބާން ކޮށްފައި

ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި އަމިއްލަ ދަރިފުޅު ސަލާމަތްކުރުމަށް ގުރުބާންވި އެންޑްރިއާ އަދި އޭނާގެ އެއް އަހަރުގެ ދަރިފުޅު އަލާނާ ---

ވެނެޒުއޭލާއަށް ކައިރި ކައިރީގައި އައި ބާރުގަދަ ދެ ބިންހެލުމުގައި ބިމާ ހަމަވި އިމާރާތަކުން އެއް އަހަރުގެ ދަރިފުޅު ސަލާމަތްކުރުމަށް މަޔަކު އަމިއްލަ ފުރާނަ ގުރުބާންކޮށްފި އެވެ.

ވެނެޒުއޭލާގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ހެކްޓާ ބެއްލޯއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ އަނބިމީހާ އެންޑްރިއާ މަރުވީ އެ ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު، އެއް އަހަރުގެ އަލާނާ ސަލާމަތްކުރުމުގެ ތެރޭގަ އެވެ. އެގޮތުން ބިންހެލުމުގައި އެ މީހުން ދިރިއުޅެމުންދިޔަ އިމާރާތް ބިމާ ހަމަވި އިރު، އެންޑްރިއާ އޮތީ އެލާނާގެ އައްޑަނައަކަށް ވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

”ލޯބިވާ އަނބިމީހާއެވެ، ކަމަނާ އެ ދަރިފުޅު ސަލާމަތްކޮށްދިން ގޮތުގެ ވާހަކަ އަހަރެން އެ ދަރިފުޅަށް ކިޔައިދޭނަމެވެ. އަހަރެމެންގެ ދަރިފުޅަށްޓަކައި ކަމަނާގެ އަމިއްލަ ފުރާނަ ގުރުބާންކުރި ގޮތާއި އެންމެ ފަހު ނޭވާއާ ހަމައަށްވެސް ދަރިފުޅު ދޫކޮށްނުލައި ކަމަނާ ދެއްކި ހިތްވަރުގަދަ އަންހެނެއްގެ މިސާލު ކިޔައިދޭނަމެވެ،“ ބެއްލޯ އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިމާރާތް ވެއްޓުނު ހާދިސާގައި ބެއްލޯގެ ދަރިފުޅަށް މާބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ދަރިފުޅަށް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް ކައިރިއަށް އައި ދެ ބިންހެލުމުގައި މިހާތަނަށް 920 މީހުން މަރުވެ، 3،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.