މިދިޔަ ހަފުތާގައި ހިމަބިއްސަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެ

މިދިޔަ ހަފުތާގެ ތެރޭގައި ހިމަބިއްސަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 44 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފަ އެވެ. މިއީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އެޗްޕީއޭ އިން ރަސްމީކޮށް އިއުލާންކުރި ފަހުން، އެއް ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޭސްތައް ފެނުނު ފަހަރެވެ.

މި ފަހަރު ފެނުނު ހުރިހާ ކޭސްތަކަކީވެސް މާލެ ސަރަހައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިދިޔަ ހަފުތާގައި ފެނުނު ކޭސްތަކާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 66 އަށް އަރައިފަ އެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން ދަނީ ބަލި ޖެހޭ މީހުންނާ ކޮންޓެކްޓްވާ މީހުން ދެނެގަނެ، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.