ރައީސް ފަހުރުވެރިކަމާއެކު ވިދާޅުވީ, ސަރުކާރު ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް

މި ސަރުކާރު ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެކަން ފަހުރުވެރިކަމާއެކު ދަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ހިންގުމުގެ ދާއިރާގެ މިނިވަންކަމަށް ބަލާއިރު ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތަކީ ފާހަގަކުރަންޖެހޭނެ ކަމެއް ކަމަށާއި އެގޮތުން ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް މި ސަރުކާރު ތެރޭގައި ނޯންނާނެކަން ފަހުރުވެރިކަމާއެކު ދަންނަވާ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގަން ބޭނުންވާ ފަރާތްތަކަށް އެ މަނިކުފާނު އިސްވެ, އަދަބު ދެއްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑިޖިޓަލައިޒޭޝަންގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މި ސަރުކާރުން ފަށާފައިވާ 2.0 މަޝްރޫއު ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މިނިވަންކަން އިހުސާސް ވެގެންދާނީ، ސަރުކާރު ހިނގަމުންދާ ގޮތަކީވެސް، ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީވެސް ނުފޫޒުން އެއްކިބާވެ، ނުފޫޒުގެ އަޅުވެތިކަމުން މިނިވަންވެފައިވާ މާހައުލެއްގައި ދެވޭ ހިދުމަތަކަށް ވެގެން ކަމަށެވެ.

”ވަކިމީހަކަށްވީތީ، ވަކިގޮތެއް ހަދައިދީ، ކިޔޫ ޖަމްޕްކުރެވި، ނޫނީވިއްޔާ ވަކިގޮތަކަށް ކަންކަން ކޮށްދީގެން، ނުފޫޒު ބޭނުންކޮށްގެން ޚިދުމަތް ދިނުމަކީ، އެއީ އަޅުވެތިކަމެއް. އެއީ، ޑިމޮކްރަސީއާ ދެކޮޅުގޮތެއް. ބީރައްޓެހި ގޮތެއް. އެހެންވީމާ، މޯލްޑިވްސް 2.0ގެ ތެރެއިން އަޅުގަނޑުމެން މިކަންކަން މި ހާސިލުކުރަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި ތަންފީޒުވެ ނިމޭއިރުގައި، މުޅި ދައުލަތުގެ ހިންގުމުގެ ނިޒާމު، ޚިދުމަތް ދިނުމުގެ ނިޒާމު އެކީގައި ޑިޖިޓަލައިޒް ކުރެވިގެންދާއިރުގައި، އިންސާނުން އަމިއްލައަށް ކަންކަން ކުރެވޭގޮތަށް ހުންނަ ހިއުމަން އިންޓަރވެންޝަން ވީހާވެސް ކުޑަކުރެވި، އޮޓޮމޭޓް ކުރެވިގެންދާނީ,“ ރައީސް ވިދާޅުވި އެވެ.