ބިދޭސީއެއްގެ އަތުން، 10،000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އިޖާޒު ނަސީރު (40އ) އެވެ. އޭނާ ބަންދުކުރުމަށް ކޯޓަށް ގެންދިއުމުން ވަނީ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ، އެ މީހާ ހައްޔަރުކުރީ މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000 ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލައިގައި ހިންގި ތަހުގީގުގެ ތެރެއިން ހަމަ އެ ދުވަހު ކަމަށެވެ.
އަދި އެ ތަހުގީގުގެ ތެރެއިން އެ މީހުން ދުއްވި ސައިކަލު ޓޯކޮށް، ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލި ސަބަބެއް ނުބުނެ އެވެ.


