ބޭރުމަގު ބީއެމްއެލް ކުރިމަތީގައި ކައުންސިލުން ފެރީ ޓާމިނަލް އަކާއެކު ޕާކިން އިމާރާތެއް ހަދަނީ

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ޕާކިން ޖާގަ: އެ ތަނުގައި ކައުންސިލުން ވަނީ ފެރީ ޓާމިނަލަކާއެކު ޕާކިން އިމާރާތެއް ހަދަން ނިންމާފައި --- ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ ޕާކިން ބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ. އެ މަޝްރޫއު ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. ކައުންސިލްގެ އިއްތިފާގުން މި މައްސަލަ ފާސްކުރުމުން އިތުރަށް ދިރާސާ ކުރުމަށް އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ، މި އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރާނީ އަތޮޅުތަކުން މާލެ އަންނަ މީހުންނަށާއި މާލެއިން ފުރާ މީހުންނަށާއި ހިތްފަސޭހަ ކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ކަމަށެވެ. އެ ތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހާއްސަ ފާހާނާބަރިތަކާއި ލުއިކާނާ ލިބޭނެ މިނީ ޝޮޕެއްގެ އިތުރުން ނަމާދުކުރުމަށް ކޮޓަރިއެއްވެސް ހުންނާނެ ކަމަށް ބުންޏެވެ.

އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ސައިކަލް ޕާކު ކުރުމަށެވެ. އިމާރާތުގެ އެންމެ މަތީގައި ނުވަތަ ރޫފްޓޮޕްގައި ފުޑް ކޯޓުތަކެއް ހަދަން ނިންމާފައިވާއިރު، އެތަނަށް އަރާ ފޭބުމަށް ލިފްޓެއް ހުންނާނެ އެވެ.

ޒާޔާ ވިދާޅުވީ، މިކަމުގެ ސަބަބުން ޓެކްސީއެއް ލިބެންދެން ތުއްތު ދަރިފުޅު އުރާލައިގެން ގަދަ އަވީގައި މައިން ތިބެންޖެހޭ ތިބުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި އިމާރާތުގައި ހަދާ ފިހާރަ އާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބޭނެ މަގުވެސް ފަހިވާނެ ކަމަށް ވިދާޅުވި އެވެ.