ގިޔާމަތް ދުވަހު އެކަކުވެސް އެހީތެރިއެއް ނުވާނެއެވެ. އެ ދުވަހު އެންމެ ގާތްމީހުން ވެސް ދާނީ ފިލާށެވެ.

މަހުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ ކަމަށާއި އެ ދުވަހު އެންމެ ގާތްމީހުން ވެސް ދާނީ ފިލަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ގިޔާމަތްދުވަހާއި މަހުޝަރުމައިދާނަށް ތައްޔާރުވާށެވެ!“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ގިޔާމަތް ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި މާތް ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށެވެ.

”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! ހަމަކަށަވަރުން، قيامةވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައި މީހުންނަށް އެ زلزلة ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނޫ އެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ގެ عذاب ގަދަފަދައީއެވެ.“

ހުތުބާގައި ބުނީ، މިފަދަ ބިރުވެރި ދުވަހުގައި ވެސް މީސްތަކުން ދެބައަކަށް ބެހިގެންވާ ކަމަށެވެ. އެއްބައަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އެ ދުވަސް ހޭދަކުރާނޭ މީހުން ކަމަށާއި އަނެއްބައަކީ ބިރުވެރިކަމާއި ހިތާމައިގައި އެ ދުވަސް ހޭދަކުރާނޭ މީހުން ކަމަށް ބުންޏެވެ.

ގިޔާމަތް ދުވަހު އިންސާނާ ކޮށްފައިވާ އަމަލުތަކާ މެދު ސުވާލުކުރެވޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ ހިނދު އޭނާ، އޭނާގެ ކުށްތައް ވަންހަނާކުރާން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ދޮގުހަދާން އުޅޭނެ ކަމަށާއި ނަމަވެސް އެ ދުވަހު އޭނާގެ އަނގަ ބަންދުކުރެވި، އޭގެ ބަދަލުގައި އޭނާގެ ގުނަވަންތައް އޭނާ ކުޅަ އަމަލުތަކަށް ހެކިދޭނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އެ ދުވަހުން އިންސާނާ ކުޅަ އެއްވެސް އަމަލެއް ވަންހަނާއެއް ނުކުރެވޭނެ ކަމަށާއި އޭނާ ކުޅަހައި އަމަލެއް ހިމެނިފައިވާ ފަތް، އޭނާ ކިޔައި ބެލުމަށްޓަކައި ހާމަކުރެވޭނެ ކަމަށެވެ. އަދި އޭނާ އެ ފަތް ކިޔައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެ ކަމަށާއި އެ ފަތުގައި އޭނާ ކުޑަޔަސް ނުވަތަ ބޮޑަސް އޭގައި ނުހިމެނޭ އެއްވެސް ކަމެއް ނުވާނެ ކަމަށްވެސް ބުންޏެވެ.

ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނޭ ފަދައިން އަހަރެމެން ކުރެ ކޮންމެ މީހަކީ، މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދުމަކުރުމާސް ގޮވާލައި ހުތުބާގައި ވަނީ ތިޔަބައިމީހުން ޝައިތާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށްވެސް ގޮވާލައިފަ އެވެ. އަދި ހެޔޮ އަމަލުކުރުމަށް މިއަދު ހީވާގިވުމަށްވެސް ނަސޭހަތްތެރިވި އެވެ.