ރައީސަށް ލަފާދޭން އުފައްދާ ގައުމީ މަޖިލީހުގައި އެކި ފަންނުގެ 100 އަށްވުރެ ގިނަ މީހުން

އެ މަނިކުފާނު އުފައްދަވަން ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ގައުމީ މަޖިލީހުގައި 100 އަށްވުރެ ގިނަ ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ގައުމަށް ހިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ދެއްވަން ބޭނުންވާ މަޝްވަރާ އާއި ލަފާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް އިއުލާން ކުރެއްވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އެ ދުވަހު ރައީސް ވިދާޅުވި ގޮތުގައި ހާއްސަ މަޝްވަރާ މަޖިލީހަކީ ދައުލަތުގެ އިއްޒަތުގެ ޝަރަފާއި މަތިވެރި އިއްޒަތުގެ ޝަރަފާއި ދިގު މުއްދަތުގެ ޝަރަފު ލިބިވަޑައިގެން ތިއްބެވި ތަޖުރިބާކާރު ބޭފުޅުން ހިމެނޭގޮތަށް އެކުލަވައިލެވޭ މަޝްވަރާ މަޖިލީހެކެވެ.

ގައުމީ މަޖިލީހަކީ އެކިއެކި ފަންނުތަކުގެ ތެރެއިން، ހުރިހާ ފަންނެއް ހިމެނޭހެން، އެ ފަންނުތަކުން ތަޖުރިބާ ހާސިލުކޮށްފައި ތިބި އަދި ތައުލީމާއި ތަޖުރިބާ ލިބިފައި ތިބި، އެކިއެކި ބޭފުޅުން ހިމެނޭގޮތަށް އުފައްދާ ގައުމީ މަޖިލީހެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހާއްސަ މަޝްވަރާ މަޖިލީހަކީ ތަންކޮޅެއް ކުޑަ މަޖިލީހެއް ކަމަށާއި ގައުމީ މަޖިލީހުގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ބޭފުޅުން ހިމެނޭނެ ކަމަށެވެ.

”މިސާލަކަށް .. ސިއްހީ ދާއިރާއަކީވެސް ވަރަށް ފުޅާ ދާއިރާއެއް. ސިއްހީ ދާއިރާގެ ޕަބްލިކް ހެލްތު ދާއިރާ، ޑޮކްޓަރުން، ނަރުހުން، ކާބޯތަކެތި، މިހެންގޮސް އެކި ދާއިރާތައް އެބަހުރި. ތައުލީމީ ދާއިރާގައިވެސް، ހަޔާ އެޑިޔުކޭޝަން ދާއިރާ. ދެންގޮސް، ޕްރައިމަރީ ޓީޗިން ދާއިރާ، މިހެންގޮސް އެކި ދާއިރާ، ތައުލީމީ ދާއިރާގައިވެސް އެބަހުރި. އެކިކަހަލަ އިކޮނޮމިކް ދާއިރާތައްވެސް އެބަހުރި. މިހެން ބަލައިލާއިރު މުޅި ގައުމެއްގެ ހުރިހާ ފަންނުތަކަށް ބަލައިލާއިރުގައި، ވަރަށް ކޮމްޕްރިހެންސިވް ޕޫލެއް ހަދާކަމަށްވަންޏާ ސަތޭކައަށްވުރެ ގިނަވާނެ. ސަތޭކައާއި ސަތޭކަ ފަންސާހާ ދޭތެރޭގައި ހިނގައިދާނެ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ދެ މަޖިލީހުގެ ބޭފުޅުންނަށްވެސް ގައުމުގައި ހުންނަ ކަންކަމާ މެދުގައި ބަހުސްކޮށް، މަޝްވަރާކޮށް، ކަންކަމުގައި ޕޭޕަރު ހުށަހަޅައި، ކަންކަމުގައި މަޝްވަރާ ދެއްވޭނެ ކަމަށެވެ. އަދި އެ ބޭފުޅުން އިސްނަންގަވައިގެންވެސް ކަންކަން ހުށަހެޅުއްވޭނެ ކަމަށާއި އަދި އެ މަނިކުފާނުގެ ފަރާތްޕުޅުންވެސް ކަންކަން ހުށަހެޅުއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“ … ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެ ބޭފުޅުންގެ ކިބައިން ލަފައަށް އެދެވޭނެ އިނގޭތޯ. މަޖިލިސް ކަމުގައިވިޔަސް، އަދި މިނިވަން މުއައްސަސާއެއް ކަމުގައިވިޔަސް. އަދި އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް އެފަދަ ތަންތަނަށް ކަންކަން ހުށަހެޅޭކަހަލަ ގޮތަކަށް އަޅުގަނޑުގެ ވިސްނުން މިހުރީ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އުންމީދަކީ މި އަހަރުގެ ނޮވެންބަރުމަސް އަންނަންވާއިރުގައި ދެ މަޖިލީސް އުފެއްދުން ކަމަށެވެ.