ކޮރަޕްޝަން މަދުކުރުމުގެ ބޭނުމުގައި ދައުލަތުގެ ހުރިހާ އިދާރާއަކުންދޭ ހިދުމަތްތައް ޑިޖިޓަލް ނިޒާމަކަށް ފެއްތުމަށް މި ސަރުކާރުން ފަށާފައިވާ މޯލްޑިވްސް 2.0 މަޝްރޫއުގެ ތެރެއިން ދިވެހިންނަށް ލިބޭނީ ސްމާޓް އައިޑީ ކާޑެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”މޯލްޑިވްސް 2.0“ މަޝްރޫއު ރައީސް އިފުތިތާހު ކޮށްދެއްވީ 9 މެއި 2025 ގައެވެ.
ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް 2.0 މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށާއި އެކަމާ ގުޅޭގޮތުން، ހަދަންޖެހޭ ގާނޫނުތައް ހެދުމަށްޓަކައި މިހާރު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ ގާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރުގެ ހިއްސާ އޮންނަ ކޮންމެ ތަނެއް އަދި ޕަބްލިކް ހުރިހާ އިންސްޓިޓިއުޝަންތަކެއް ބައިވެރިވުން މަޖުބޫރުވާނެ ކަމަށާއި އެއްވެސް ފަރާތަކަށް އެކަމުން އިސްތިސްނާ ނުވެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި މިހާރު ބޭނުން ކުރަމުން އަންނަ ފިޒިކަލް އައިޑީކާޑުގެ ބަދަލުގައި ބޭނުން ކުރާނީ ޑިޖިޓަލައިޒްޑް ސްމާޓް އައިޑީކާޑެއް ކަމަށެވެ.
”އެއިން (އެ ކާޑުން) ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭކަހަލަ. ޕޭމަންޓް ދެއްކުންވިޔަސް، ހުރިހާ ކަމެއްވެސް ކުރެވޭގޮތަށް މި ބަދަލުތައް އަންނަނީ. އެ ކާޑުން ގިނަ ކަންކަން ކުރެވޭނެ. ތަންތަނަށް ހިދުމަތް ހޯދަން ދިޔުން ކަމުގައިވިޔަސް، ހިދުމަތް ލިބިގަތުން ކަމުގައިވިޔަސް، ވާހަކައަކީ ހުރިހާ ކަމެއްގައިވެސް އެ ކާޑުން އެ މީހާގެ އަމިއްލަ ރެކޯޑްސްތައް ބެލެހެއްޓުން ކަމުގައިވިޔަސް، އެ ކުރެވޭ ގޮތަށް، ފިންގަރ ޕްރިންޓް އިން ބިލްޓް ކާޑެއް މި ތަޢާރުފް ކުރަނީ. އަދި އޭގައި ޗިޕެއްވެސް ލާފައި. އޭގެ ތަފްޞީލުތައް އިއުލާނު ކުރާނެ ވަރަށް އަވަހަށް،“ ރައީސް ވިދާޅުވި އެވެ.


