ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ޕީއެންސީގެ ނައިބު ކަމަށް މުންދު ވާދަކުރައްވަނީ

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބް ރައީސްގެ މަގާމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވާދަކުރައްވާނެކަން އޭނާ މިއަދު އިއުލާން ކުރައްވައިފި އެވެ.

އަންނަ ސެޕްޓެންބަރު މަހު ބާއްވަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ޕީއެންސީގައި ހަ ނައިބް ރައީސުން ތިއްބަވާއިރު، އޭގެ ތެރޭގައި މުންދުވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނައިބް ރައީސްގެ އިތުރު ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާންކޮށް މުންދު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާއަކީ ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ މެންބަރުން އިތުބާރާއެކު އިންތިހާބު ކޮށްދިން މީހެއް ކަމަށާއި އަދި މިއަދު އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ވެރިކަމުގައިވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޝަރަފު ލިބިފައިވާ މީހެއް ކަމަށެވެ.

”… މި ގައުމީ ފިކުރުގައި ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދެއްވުމަށް ރައީސް މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ގަބޫލުކޮށް 2028ގައި އެ މަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުކުރުމުގެ މަތިވެރި މަގުސަދު ހާސިލުކުރުމަށް، އަޅުގަނޑުގެ ގާބިލުކަންތަންދިން އެންމެ ފުރިހަމައަކަށް މަސައްކަތްކުރުމުގެ ވަރުގަދަ އަޒުމުގައި މާތް ﷲގެ ވާގިފުޅަށް އެދިހުރެ، ޕީއެންސީގެ ނާއިބު ރައީސްކަމަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ.“ މުންދުގެ ފޭސްބުކް ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޕީއެންސީގެ ނައިބް ރައީސުންގެ ގޮތުގައި މިހާރު ތިއްބަވަނީ:

  • ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު
  • ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލް