މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް އެ ދެމީހުން މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި އެ ކޮޅުވެއްޓި ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ އެ ދުވަހުގެ ހެނދުނު 8:48 އެހައިކަންހާއިރެވެ. ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބީ 8 ދިވެހިންނާއި ދެ ބިދޭސީންނެވެ. އޭގެ ތެރެއިން ސަލާމަތްވީ އަށް ދިވެހިންނެވެ. ދެ ބިދޭސީން ގެއްލިގެން ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ, އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއް ނެތި ކުރިއަށްދާއިރު, ކަނޑާއި ވައިގެ މަގުން އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް އެއާ ކޯއިން އެ މީހުން ހޯދުމުގެ އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3,182 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓް ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން 675,120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބެލި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.


