އަމީނީ މަގަކީ އެމްޑީޕީގެ ފެންވަރު، މި ސަރުކާރުގެ ފެންވަރު ފެންނާނީ ބޭރުމަގުން: މުއްތަލިބް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ---

މި ސަރުކާރުންކުރާ މަސައްކަތްތަކުގެ ފެންވަރު ފެންނާނީ މާލޭގެ ބޭރުމަގުން ކަމަށާއި އަމީނީ މަގުގެ މަސައްކަތުން ފެންނަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރިއަށް ގެންދިޔައީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު އިންޑިއާ އިން މެނުއަލް މެޝިނެއް ގެނެސްގެން ކަމަށެވެ.

އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދަން ނިންމީ ކޮން އުސޫލަކުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އަމީނީ މަގުގެ އެ ސެގްމަންޓުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި ނަމަވެސް މަގު ބަންދުކޮށްފައި ނުބޭއްވުމަށްޓަކައި އެ މަސައްކަތް ނިންމުމުގެ ފުރުސަތު ދެއްވީ ކަމަށެވެ.

އަދި އާރުޑީސީން އަމިއްލައަށް ތާރުއެޅުމުގެ ކެޕޭސިޓީ ހުރި ކަމަށް ނިންމައިގެން ކުރި މަސައްކަތުގެ ނަތީޖާ މިއަދު އަމީނީ މަގުން ފެންނާން އެބަ އޮތް ކަމަށާއި އެއާ ހިލާފަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.