ރައީސްގެ ދެކަނބަލުން އުކުޅަހަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފި އެވެ.

ރައީސްގެ އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން އާންމުން ނުކުމެ ހޫނު މަރުހަބާއެއް ދެންނެވި ކަމަށް ރައީސްގެ އޮފީހުން ބުންޏެވެ.

ރައީސްގެ އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭ ހަފުލާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ބުންޏެވެ.

ރައީސްގެ އޮފީހުން ބުނީ، މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.