ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނިކާގެ މަންދޫބުންނާއެކު މިއަދު މަޝްވަރާކޮށްފި އެވެ.
އެސްޓްރާޒެނިކާ އަކީ، އިނގިރޭސިވިލާތާއި ސްވިޑްންގެ ކުންފުންޏެވެ. މި ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދާ އުފައްދާ ކުންފުންޏެވެ. ކޮވިޑްގައި އެސްޓްރާޒެނިކާ ވެކްސިން ވެސް އުފެއްދީ އެ ކުންފުންޏެވެ.
ސްޓޭޓް ފާމާއިން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓޭޓް ފާމާއިން ބުނި ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.


