ފާއިތުވި 7 މަސްދުވަހުގެ ތެރޭ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަޙައްދުންކަމުގަ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކަކީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުން އައިސްފައިވާ މައްސަލަތަކެއް ކަމަށެވެ. މަސްތުވާތަކެތީގެ ވަބާއަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި 2024 އިން 2028 އަށް އެކުލަވައިލާފައިވާ ފުލުހުންގެ އެކްޝަން ޕްލޭންގައިވެސް މިކަމަށް މުހިންމު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްލިމް ހާމަކުރެއްވި ގޮތުގައި ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނާއި އުތުރުގެ ޕޮލިސް ރީޖަންތައް ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ. މި މުއްދަތުގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 1,875 މީހުން ހައްޔަރުކޮށްފައިވާއިރު، މިއީ ދުވާލަކު 8 މީހުންގެ ނިސްބަތެކެވެ. މީގެ އިތުރުން ޝައްކުކުރެވިގެން 23,249 ފަހަރު މީހުން ބަލައި ފާސްކޮށްފައިވެއެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 110 މީހުންނެވެ.
ތަންތަން ބަލައި ފާސްކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 7,309 ފަހަރު އެކި ތަންތަން ފާސްކޮށްފައިވެއެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 34 ތަނެވެ. ފާއިތުވި 7 މަސްދުވަހު އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަޙައްދުންނެވެ.
މާލެ ސަރަޙައްދުން 137.85 ކިލޯ، ދެކުނުގެ އަތޮޅުތަކުން 3.06 ކިލޯ އަދި އުތުރުގެ އަތޮޅުތަކުން 3.45 ކިލޯއާއެކު ޖުމްލަ 144.34 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. ޖުމްލަ 1,856 ފުޅި ބަނގުރާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން މާލެ ސަރަޙައްދުން 541 މީހުން ހައްޔަރުކޮށް 119 އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވި 116 ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާއިރު 37 މީހަކު ފަރުވާއަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކާ ވަނީ ޙަވާލުކޮށްފައެވެ. އަދި ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 6 ތަނެއް ވަނީ ބަންދުކޮށްފައެވެ.
ޑްރަގް އެންފޯސްމަންޓުން އަތުލައިގަނެވުނު މަސްތުވާތެކެތީގެ އަގަށް ބަލާއިރު، 137 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މަގުމަތީ އަގު 120.2 މިލިޔަން ރުފިޔާއަށް އަރައެވެ. އަދި އަތުލައިގަނެވުނު ބަނގުރަލުގެ އަގު 9.6 ލައްކަ ރުފިޔާއަށް އަރާއިރު ޖުމްލަ 121.2 މިލިޔަން ރުފިޔާގެ ތަކެތި ވަނީ އަތުލައިގަނެފައެވެ.
ތަޙުޤީޤު ކުރެވުނު 377 މައްސަލައިގެ ތެރެއިން 256 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާއިރު އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ޓްރެފިކިންގެ 94 މައްސަލައެއް ހިމެނެއެވެ. މީގެ ތެރެއިން 83 މައްސަލައެއްގައި ދަޢުވާކުރުމަށް ފޮނުވައި 147 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


