ސަރުކާރު މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ސަމާލުކަން ދިނުން މުހިންމު: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުހައްމަދު ---

ދިވެހި ސިވިލް ސާވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެންއެމްއެޗްޑީ)އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަދި ޑަބްލިއުއެޗްއޯ މޯލްޑިވްސް ގުޅިގެން، ސިވިލް ސާވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ“ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ސިއްހީ އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެ ކަމަށާއި ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.

އެކަމަނާގެ ވާހަކައިގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާކަން ފާހަގަކުރެއްވި އެވެ. އެއީ އުފެއްދުންތެރިކަމަށް ބަލާއިރު އެއް ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، 2021 ވަނަ އަހަރުގެ ސްޓެޕްސް ސާވޭ ބުނާގޮތުން، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ގޮވާލެއްވި އެވެ.