ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްކަން ކުރެއްވި ފައިރޫޝް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ނަމަވެސް އޮކްޓޫބަރު 2024 ގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވީ ރަނގަޅަށް ވިސްނެވުމަށް ފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި މިއީ، ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ފައިރޫޝް، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ޖެނުއަރީގައެވެ. ރިޓަޔާކުރެއްވުމުގެ ކުރިން އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.


