ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އައްޔަންކޮށް، އެ ބޭފުޅުން މަގާމުގެ ހުވާކުރައްވައިފި އެވެ.
ސިވިލް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ:
- ގއ. ކަނޑުހުޅުދޫ/ ރީލްމަންޒިލް، މުހައްމަދު ނިޝާތު
- ރ. ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އަޒީމާ
ޖޭއެސްސީން މިއަދު ބުނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެ ދެ ބޭފުޅުން ސިވިލް ކޯޓުގެ ގާޒީން ކަމަށް އައްޔަން ކުރަން ނިންމެވީ، ސިވިލް ކޯޓަށް ގާޒީން ހޯދުމަށް މިދިޔަ ޖީން މަހުގެ 21 ގައި ކުރި އިއުލާނާ ގުޅިގެން ދަށުން ސިވިލް ކޯޓުގެ ގާޒީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ދިން ލަފައާ ގުޅިގެން ކަމަށެވެ.
ނިޝާތަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ލޯސް (އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. 30 އޮކްޓޫބަރު 2025 އިން ފެށިގެން ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ނިޝާތަކީ ޝަރުއީ ދާއިރާ އާ ގުޅުންހުރި މަގާމުތަކުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރު، ލީގަލް އޮފިސަރު އަދި ސީނިއާ ލީގަލް އޮފިސަރު މަގާމާއި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަގުމު ފުރުއްވާފައިވެ އެވެ.
އާސިޔާއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އޮނާސް އަދި ޔުނިވާސިޓީ އޮފް ބާމިން ހަމްއިން މާސްޓާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު 27 އޮގަސްޓް 2014 އިން ފެށިގެން 28 ފެބްރުވަރީ 2021 އަށް ފުރުއްވައިފަ އެވެ.


