އޮފީހަށް ގަޑިއަށް ހާޒިރުވުމާއި އޮފީހުގައި މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމާއި ސަލާމް ބުނުމަކީ އާދަޔަކަށް ނުހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ގައުމީ ދުވަހުގައި އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމްތަކަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމަށާއި އަހުލާގީ އަގުކުރުންތައް އާލާކުރުން ކަމަށެވެ. އަދި ދިވެހިންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ, އެކަކު އަނެކަކަށް ކަމޭހިތާ, އެކަކު އަނެކަކަށް ހުރިހާ މާނައެއްގައި އިހުތިރާމް އަދާކުރާ, އެއްބައެއްކަމުގެ އިހުސާސް, ދިވެހި އުންމަތުގައި ދިރިވުމުގެ އަޒުމް އާކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ ބައެއް މިސާލުވެސް ރައީސް ދެއްވި އެވެ. އެެގޮތުން ޓެކްސީ ދަތުރެއް ނިންމާފައި ފައިބަމުން ޓެކްސީ ޑްރައިވަރަށް ޝުކުރު އަދާކުރުމަށާއި ލިފްޓަކަށް އަރާއިރު, ފަހަތުން އަންނަ މީހާއަށްޓަކައި މަޑުކޮށްލުމަށާއި މަގުމަތީ ދުވާރުމަތިން ހިނގައިފައިދާއިރު, އެހެން މީހުންނަށް ޖާގަ ލިބޭ ގޮތަށްދާނަމަ އަނެކާއަށް ހިތްހަމަޖެހުމާއި އުފަލާއި ކުލުނު އިހުސާސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އަވަށްޓެރިޔާއަކީ ނުދަންނަ ބީރައްޓެއްސެއް ނަމަވެސް އޭނާއަށް ދޭން އޮންނަ މަގާމާއި ގަދަރާއި އިހުތިރާމާއި އަޅާލުން ތިމާގެ ފަރާތުން ދެވޭނަމަ ބީރަށްޓެހިކަން ރަށްޓެހިކަމަށް ބަދަލުވެ, ތިމާ އުޅޭ މާހައުލުގައި އަމާންކަމާއި ހިތްހަމަޖެހުން އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އޮފީހަށް ގަޑިޔަށް ހާޒިރުވުމާއި އޮފީހުގައި މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމާއި ސަލާމް ބުނުމަކީ އާދަޔަކަށް ނުހެދުމާއި ތިމާއާ ހަލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެވޭނަމަ، އަދި މިގޮތުގައި ކޮންމެ ދުވަހަކު އޮފީސް ނިމެންދެން މަސައްކަތް ކުރުމުގައި ހޭދަކުރެވޭނަމަ، އެއީ ދައުލަތަށްވެސް އެފަދަ މުވައްޒަފެއްގެ ފަރާތުން ލިބޭނެ، ކިހާރީތި ނަމެއްތޯ؟,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, މިއީ މި ޒަމާނުގައި ހޯދައިފައިވާ ހައްގުތަކާއި ލުއިކަން ބޭނުން ނުކުރަން ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ އިލްތިމާސަކީ މަސައްކަތުގެ އަހުލާގުގައިވެސް އަމާނާތްތެރިވެ, ފަރުވާތެރިވެ, ތެދުވެރިވެ ޒިންމާދުރުވުމަށް ކަމަށެވެ.
”އާދެ، މަސައްކަތުގެ އަހުލާގަށް އިހުތިރާމް އަދާކުރުމަށް. އޮފީހުގެ ވެރީންނާއި މުވައްޒަފުންނަށް މިގޮތުގައި މަސައްކަތުގެ އަހުލާގަށް އިހުތިރާމް އަދާކުރެވޭނަމަ، ހިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އެ ލިބިގެންދަނީ ކިހާބޮޑު ހިތްހަމަޖެހުމެއްތޯ؟ މަސައްކަތުން ނެރެދޭ ނަތީޖާ އެތައް ގުނައަކުން މަތިވެ، މުޖުތަމަޢާއި ޤައުމަށް ލިބިގެންދާނީ ކިހާބޮޑު ކުރިއެރުމެއްތޯ؟,“ ރައީސް ވިދާޅުވި އެވެ.


