އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 47 މީހުން މަރުވެއްޖެ

ހޮނިހިރު ދުވަހު އިންޑޮނޭޝިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި ބިމާ ހަމަވި އިމާރާތެއްގެ ދަށުން، އަނިޔާވި މީހަކު ސަލާމަތްކޮށްގެން ނެރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އަންތާރާ

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް އައި ރިކްޓާ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، މިހާތަނަށް މަދުވެގެން 47 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މި ބިންހެލުމަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ބީ.އެން.ޕީ.ބީ) އިން ބުނެފައިވެއެވެ. މީގެ އިތުރުން މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި ބިންހެލުމުގެ ސަބަބުންނާއި އޭގެ ފަހުން އައި ބާރުގަދަ ލޮޅުންތަކުގެ ސަބަބުންވެސް އެ ސަރަހައްދުގެ އެތައް ސަތޭކަ އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ފްލޯރެސް އައިލެންޑަށް ހޮނިހިރު ދުވަހުގެ ފަތިހު 05:00 ހާއިރުއެވެ.

މި ބިންހެލުމަށްފަހު ވެސް އެ ސަރަހައްދަށް ބާރުގަދަ ލޮޅުންތަކެއް އަރާފައިވާއިރު، އޭގެ ތެރޭގައި ރިކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގެ ލޮޅުމެއް ވެސް ހިމެނެއެވެ. މީގެ އިތުރުން، އެގައުމުގެ ހުޅަނގުން ނޯތު ސުމަޓްރާ ސަރަހައްދަށް ވެސް 6.4 ގެ ބާރުމިނުގެ ބިންހެލުމެއް ވަނީ އައިސްފައިވެއެވެ. ނަމަވެސް މި ބިންހެލުން އުފެދިފައިވަނީކަނޑުގެ 163 ކިލޯމީޓަރު އަޑިންނެވެ.