ހެދުނު ކޮށްލާ ކުޑަ ކުޑަ ކަސްރަތަކުން އާންމު ދުޅަހެޔޮކަމަށް ބޮޑުބަދަލެއް

ބައެއް ދުވަސްދުވަހުގެ ހެނދުނު ކަސްރަތަށް ނުކުތުން މިވަނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް، އޭގެ ސަބަބުން ކުރާނެ ފައިދާ އެނގޭތީ، ހިތްވަރުކޮށްފައި ނުކުންނަމީހުންވެސް މަދެއްނޫނެވެ.

ކަސްރަތުގެ ސަބަބުން ހަށިގަނޑަށާއި، ސިކުނޑިއަށާއި، ހަނދާން ބަލިވުމުން ރައްކާތެރިކޮށްދީ، އާންމު ދުޅަހެޔޮކަން އިތުރުކޮށްދޭކަމީ މި ފަހަކަށް އައިސް ދިރާސާކުރާފަރާތްތަކުން ހޯދާފައިވާ މުހިންމު ހޯދުންތަކުން ސާބިތުކޮށް ފެންނަހުރި ކަންތަކެވެ. އަދި މިއީ މިއަދި ސިއްޚީ އެހީތެރިންވެސް އެންމެގިނައިން ދައްކަމުންގެންދާ އެއްވާހަކައެވެ.

ކަސްރަތުގެ ފައިދާ ހޯދުމަށްޓަކައި މާ ބުރަ މާގިނަ ކަސްރަތުތަކެއް ކުރަން ނުޖެހޭއިރު، އަލަށް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދައަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން ވެސް ސިއްހަތަށާއި އުމުރު ދިގުވުމަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.

އެގޮތުން، ކޮންމެ ދުވަހަކު ބާރަށް ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ ސިޑިން އެރުން ފަދަ މެދު މިންވަރެއްގެ ކަސްރަތެއްގައި އެންމެ ފަސް މިނެޓު ހޭދަކޮށްލުމަކީ ވެސް، އުމުރުން ދުވަސްވާއިރު މީހާ ދުޅަހެޔޮ ސިއްޚތއްގައި ހުރުމަށް ވަރަށް އިސްކަމެއްދޭކުޑަކުޑަކަމެކެވެ. އަދި މިއީ އެތައް މިލިއަން ބަޔަކަށް ދުޅަހެޔޮ ސިއްޚަތެއްގައި ދިގު އުމުރެއް ލިބުމަށް މަގުފަހިވާނެވެސް މުހިންމު ކަމެކެވެ.

މީގެ މާނައަކީ ހަމައެކަނި ފަސް މިނެޓުގެ ކަސްރަތަކުން ދުޅަހެޔޮކަން ކަށަވަރުވުމެއް ނޫނެވެ. ނަމަވެސް، މިއީ އެއްވެސް ކަމެއް ނުކޮށް ހުރުމަށްވުރެ، މިފަދަ ކުޑަ މިންވަރެއްގެ ހަރަކާތްތެރިކަމެއް އިތުރުކޮށްލުމުން ވެސް މުޅި ސިއްހަތަށް ރަނގަޅު ބަދަލުތަކެއް އަންނަކަމުގެ ހެއްކެކެވެ.

އަދި މިހާރުވެސް ގަވާއިދުން ކަސްރަތުކުރާ ނުވަތަ ހަށިގަނޑު ދުޅަހެޔޮކޮށް ތިބޭ މީހުންނަށް، އިތުރު ފަސް މިނެޓުގެ ކަސްރަތުން ކުރާ އަސަރު ނިސްބަތުން ކުޑަވާނެއެވެ.