އިންޑިއާގައި މާބަނޑު އަންހެނަކު މަރާލާފައިވާ އޮއްވައި ފެނިއްޖެ, ލޯބިވެރިޔާ ހައްޔަރަށް!

އިންޑިއާގައި ގެއްލިގެން ހޯދަމުންދިޔަ މާބަނޑު ޒުވާން އަންހެނަކު މަރާލާފައިވާ އޮއްވައި ފެނިއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އޮޑިޝާގެ ކޮރަޕުޓްއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަލްބީނާ ގަރާދާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ހަށިގަނޑު ފެނުނީ އަންދްރަ ޕްރަދޭޝްގެ ވިޒިއަނަގަރަމް ޑިސްޓްރިކްޓުންނެވެ.

އިންޑިއާ ޓުޑޭގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ މަރުގެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަލްބީނާގެ ލޯބިވެރިޔާ ކަމަށް ބުނާ އުމުރުން 35 އަހަރުގެ މޯހަން ކިއްލާ އާއި 19 އަހަރުގެ މިލާން ކުލްދީޕު ކިޔާ މީހަކު ހިމެނެ އެވެ. އެ މީހުން ހައްޔަރުކުރީ މީހަކު މެރުމާއި ހަށިގަނޑު އަންދްރަ ޕްރަދޭޝްއަށް ގެންދިޔަކަމުގެ ތުހުމަތުގައެވެ.

ނިއުސް18 ގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަލްބީނާ އާއި މޯހަންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ ގުޅުމުގެ މައުލޫމާތު އާއިލާއަށް ފަޅާއެރީ އަލްބީނާ ބަނޑުބޮޑުވިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

ނަމަވެސް އަލްބީނާ ބަނޑުބޮޑުކަން އެނގުނުތާ މާގިނަ ދުވަހެއް ނުވެ އޭނާ ގެއްލުނެވެ. އަދި އެ މައްސަލަ އޮގަސްޓް 1 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރީވެސް މޯހަން ކިއްލާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެ އެވެ.

އިންޑިއާގެ ފުލުހުން ބުނީ އަލްބީނާގެ ހަށިގަނޑު ހޯދުނީ ހައްޔަރުކުރި ދެ މީހުންނާ ސުވާލުކުރުމުން ލިބުނު މައުލޫމާތުގެ މައްޗަށް ހިންގި އޮޕަރޭޝަނެއްގައި ވަޅުލާފައި އޮއްވަ އެވެ. އެގޮތުން އަލްބީނާގެ ހަށިގަނޑާއެކު ފެނުނު އަންނައުނުތަކުން އެއީ އަލްބީނާގެ ހަށިގަނޑުކަން އޭނާގެ ބައްޕަ ކަށަވަރުކޮށްދިނެވެ.

އަދި ތަހުގީގުގެ ބައެއްގެ ގޮތުގައި ފުލުހުން ވަނީ އަލްބީނާގެ ހަށިގަނޑު އުފުލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ކާރާއި ހަށިގަނޑު ވަޅުލި ތަން ކޮނުމަށް ބޭނުންކުރި ކަމަށް ޝައްކުކުރެވޭ ސާމާނުތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.