ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
’ފްރެންޑްސް 4‘ ނަމަކަށް ކިޔާ އެ ދޯނި އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ 10:40 ހާއިރެވެ. އެ ހާދިސާ ހިންގި އިރު، ދޯނީގައި އަށް މީހުން ތިބި އިރު، ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން (35އ) ފިޔަވައި އެންމެން ސަލާމަތްވި އެވެ.
އެ ހާދިސާގައި ދެން ގެއްލުނީ ދޯނި ސަލާމަތްކުރަން އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39އ) އަދި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، އެމްއެންޑީއެފުން މިއަދު ބުނީ، އެ ތިން މީހުން އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށެވެ.
ގެއްލުނު މީހުން ހޯދުމަށްޓަކައި މޯލްޑިވިއަން އެއާކްރާފްޓްގެ އިތުރުން އެމްއެންޑީއެފްގެ ޓީބީ2 ޑްރޯންސް ވަނީ ބޭނުންކޮށްފަ އެވެ. ޓީބީ2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑުވެސް ކަނޑުގެ ސަރަހައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން ހުރި ޑްރޯންސް ތަކެކެވެ.
މީގެ އިތުރުން އޮސްޓްރޭލިއާ އިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ ބޭނުންކޮށްގެން، މި އުޅަނދުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި ކަނޑުމަގުން ވަނީ މަސައްކަތްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ، ދިވެހި ސަރުކާރުން އެދިގެން އެމެރިކާ ސަރުކާރުންވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ސާޗް އެންޑް ރެސްކިއު އަދި ސަވެއިލަންސަށް ބޭނުންކުރާ ހާއްސަ ކަނޑުމަތީގެ މަތިންދާބޯޓެއް ކަމަށްވާ، ނޭވީގެ ޕީ8 މަތިންދާބޯޓު ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަހައްދު މަތިން މިއަދު ބަލާފައިވާ ކަމަށްވެސް ބުންޏެވެ.


