ދޯނި ފެތިފައިވާ ސަރަހައްދަކީ ނިއުކްލިއާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން!

'ފްރެންޑް 4' ދޯނި ފެތިފައިވާ ސަރަހައްދު ---

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި، ”ފްރެންޑް 4“ ފެތިފައިވާ ސަރަހައްދަކީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިއުކްލިއާ ސަމްބެރިންވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެ ދޯނި އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ 10:40 ހާއިރެވެ. އެ ހާދިސާ ހިންގި އިރު، ދޯނީގައި އަށް މީހުން ތިބި އިރު، ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން (35އ) ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާގައި ދެން ގެއްލުނީ ދޯނި ސަލާމަތްކުރަން އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39އ) އަދި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އެވެ.

އެ މީހުން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ހާދިސާގައި ސަލާމަތްވި މީހުންނަކީ ދޯނި އަޑިއަށްދިޔަ ވަގުތު އޭގެން ކަނޑަށް ފުންމާލި މީހުންނާއި ދޯނި ބަންޑުން ޖަހާލި ވަގުތު ދޯނިން ނުކުމެވުނު މީހުން ކަމަށާއި އެ މީހުން އެ ވަގުތު ދޯންޏާ ކައިރީގައި އޮތް ލޭންޑިން ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ނެގި ކަމަށެވެ.

އަދި ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށް ކަމަށާއި ދޯނި ފެތިފައިވާ ސަރަހައްދު 1600 މީޓަރު (5249 ފޫޓު) އަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

”(ދޯނި ފެތިފައިވާ ސަރަހައްދަކީ) އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫނެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫނެވެ،“ އެމްއެންޑީއެފުން ބުންޏެވެ.