އިޓަލީގެ ފަރުބަދައަކަށް ހޮނު އަޅައި އެމެރިކާގެ ހައިކަރެއް މަރުވެއްޖެ

މައުންޓް އެޓްނާ ---

އިޓަލީގެ ސިސިލީގެ މައުންޓް އެޓްނާއަށް ހައިކިންއަށް ގޮސް އުޅުނު އެމެރިކާގެ ފަތުރުވެރިއެއްގެ ގަޔަށް ހޮނު އެޅުމުގެ ސަބަބުން މަރުވެއްޖެ އެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 30 އަހަރުގެ އެ މީހާ އަލިފާން ފަރުބަދަމަތީގައި ހައިކިންއަށް ގޮސްއުޅުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހުނު ވަގުތުގައެވެ.

ފަޔާފައިޓަރުންނާއި އިމަޖެންސީ ހިދުމަތްތެރިންނަށް އެ މީހާ ފެނުނީ ފަރުބަދައިގެ މީހުން ވަނުން މަނާ ސަރަހައްދެއްގައި ހިތް ހުއްޓިފައި އޮއްވަ އެވެ. އޭނާ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށްވެސް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މައުންޓް އެޓްނާއަކީ ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދައެވެ. އެ ފަރުބަދައިން ފަހަކަށް އައިސް އަލިފާން ފައިބަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ދަނީ ބުރޫއަރަމުންނެވެ. އަދި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އަރަމުންދާ އަޅިތަކުން އިރުމަތީ ސިސިލީގެ އުޑުމަތި ބަނަކޮށްފައިވާއިރު، މި މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ޒިޔާރަތްކުރަމުންނެވެ.

އަލިފާން ފަރުބަދައިގެ ހަރަކާތްތައް އިތުރުވުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ދަނީ އެޓްނާ ފަރުބަދައިގެ ގިނަ ސަރަހައްދުތަކަކަށް މީހުން ދިއުން ކޮންޓްރޯލް ކުރަމުންނެވެ.