އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކަށް 18,053 މުވައްޒަފުން ނެގި، 100 ޕަސެންޓު އިތުރުވި: ޒަރީރު

ފިނޭންސް މިނިސްޓަރު ޒަރީރު --

މިދިޔަ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް 18,053 މުވައްޒަފުން ނަގާފައިވާ ކަމަށާއި މި ސަރުކާރުގައި އަދި ނަގާފައިވަނީ 4,938 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަރީރު އެހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކުޑޫ ސުވާލު ކުރެއްވީ ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އެ މީހަކު ސިޔާސީ ގޮތުން ގެންގުޅޭ ފިކުރަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ބަލައި ވަކިކުރުމަކީ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާއިރު, އެމްޑީޕީއަށް ނިސްބަތްްވާ މުވައްޒަފުން ވަކިކުރަނީ ކޮން އުސޫލަކުންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފަކު އޭނާ ނިސްބަތްވާ ފިކުރަށް ނުވަތަ އުޅޭ ސިޔާސީ ޕާޓީއަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަށް، ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް މިނިސްޓްރީގެ ފަރާތުން އެއްވެސް އެންގުމެއް އަންގާފައިނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ, ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރަނގަޅުގޮތުގައި ހިނގަމުންދާ ތަންތަނަށް ހެދުމަށް އެ ކުންފުނިތަކަކީ ލިބޭ އާމްދަނީއަކާ އެއްގޮތަށް ހަރަދުތައް މެނޭޖުކުރެވޭނެ ފަދަ ކުންފުނިތަކަށް ހެދުމަށް އެ ވަގުތު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދޭންޖެހޭ ލަފާތައް މިނިސްޓްރީން ދެމުންދާ ކަމަށެވެ.

ނަމަވެސް ކުންފުނިތަކަށް ދޭންޖެހޭ ޑައިރެކްޝަން ޕޮލިސީތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމާއި ވަކިކުރުމާއި ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމުގައި ވަކި ކަމެއް ނުވަތަ ވަކި ގޮތަކަށް ކަންތައް ކުރުމަށް މިނިސްޓްރީން އަންގަވާފައި ނުވާނެ ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ އެ ގައުމެއްގެ މަސައްކަތްކުރާ އާބާދީގެ 15 ޕަސެންޓްކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ, ރާއްޖޭގައި އެ އަދަދު ހުރީ 53 ޕަސެންޓުގައި ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބި އިރު, 2019 އިން 2023 އަށް އެ އަދަދު 100 ޕަސެންޓް އިތުރުވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުރި ކަމަށް ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެ މުއްދަތުގެ ތެރޭގައި 36,729 މުވައްޒަފުން ކުންފުނިތަކުގައި ތިބި ކަމަށާއި ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ސަރުކާރު ކުންފުނިތަކަށް ނެގި 4,938 މުވައްޒަފުންނާއެކު މިހާރު ތިބި މުވައްޒަފުންގެ އަދަދު 41,667 ކަމަށެވެ.