ހަނީމޫނަށްދިޔަ ދަތުރުގައި ދެމަފިރިންވެސް މަރު!

ގްރީސްގެ ސިފްނޯސްއަށް ހެލިކޮޕްޓަރެއް ވެއްޓި ތިން މީހަކު މަރުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އެތެންސް ކައިރީގައި އޮންނަ މާކޯޕައުލޯ އަވަށަށް ހަނީމޫނަށް ގޮސް އުޅުނު އިނގިރޭސި ވިލާތުގެ ޒުވާން ދެމަފިރިއަކާއި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓެވެ.

ސިފްނޯސްގެ ޑެޕިއުޓީ މޭޔަރު ބުނި ގޮތުގައި އެ ހެލިކޮޕްޓަރު ވެއްޓުނީ އެ އަވަށު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުނޫން ހިސާބަކަށް ކަމަށާއި ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން އޭގެން އާދަޔާ ހިލާފު އަޑެއް އިވުނު ކަމަށް މީހުން ބުނި ކަމަށެވެ.

ޔޫނާނުގެ އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ވަނީ މި ހާދިސާ ތަހުގީގު ކުރަން ނިންމައިފަ އެވެ. އަދި ހެކި ހޯދުމަށާއި ހާދިސާ ދުށް މީހުންނާ ސުވާލުކުރުމަށް ތަހުގީގު ޓީމު އިއްޔެ އެ ސަރަހައްދަށް ދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.