ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް އަދި ފެނަބާޗޭގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސް އިސްލާމް ދީން ގަބޫލުކުރި ކަމަށް މުސްލިމް މުޖުތަމައުގެ އިސް ލީޑަރަކާ ހަވާލާދީ ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސަބާހުގައި ބުނެފައިވާ ގޮތުން އެ ވާހަކަ ހާމަކުރެއްވީ ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ)ގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަލީ ޝާހިން އެވެ. އޭނާ އެކަން ހާމަކުރެއްވީ ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުންތަކަކަށް ފަހުގައެވެ.
ޝާހިން ވިދާޅުވި ގޮތުގައި ކާލޯސް، މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން ބްރެޒިލްގައި އިސްލާމްވިކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ، ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ ޝައިޚް ޖިހާދު ހައްމާދޭގެ ފަރާތްޕުޅުންނެވެ. އޭނާއަކީ ބްރެޒިލްގެ ނޭޝަނަލް އެސޯސިއޭޝަން އޮފް އިސްލާމިކް ޖޫރިސްޓްސް (އަނާޖީ)ގެ ނައިބު ރައީސެވެ.
ޝާހިން ވިދާޅުވި ގޮތުގައި، ކާލޯސް މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން ޝައިޚް ހައްމާދޭގެ އަރިހަށް ޒިޔާރަތްކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް ހައްމާދޭ ވިދާޅުވި އެވެ.
ކާލޯސް އިސްލާމްދީން ހިޔާރުކުރި ކަމަށް ބުނާ ޚަބަރާ ގުޅިގެން ޝާހިން ވަނީ އޭނާއަށް މަރުހަބާ ދަންނަވައި، އޭނާއަށާއި އޭނާގެ އާއިލާއަށް ސުލްހައާއި ދުޅަހެޔޮކަމާއި ފާގަތިކަމަށް އެދިވަޑައިގެންފަ އެވެ.
ކާލޯސް އިސްލާމްވި ކަމުގެ ހަބަރުތައް މީޑިއާތަކުގައި ދައުރުވާން ފަށާފައި މިވަނީ ސްޕެއިންގައި ހަރަކާތްތެރިވާ މޮރޮކޯއަށް އުފަން މަޝްހޫރު ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ސުހައިލާ އައްތުހައިރީއާ ކައިވެނި ކުރި ހަބަރާވެސް އެކު އެވެ. ނަމަވެސް އިސްލާމް ދީން ގަބޫލުކުރި ކަމަށް ބުނާ މި ހަބަރު ކާލޯސް އަދި ރަސްމީކޮށް އާންމުކޮށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.


