ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް ”ރާއްޖޭގައި ބިދޭސީން ވަޒީރުކުރުމުގެ ގަވައިދު“ އަށް މިއަދު އިސްލާހު ގެނެސްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ތިންވަނަ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ.
އެ ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ފަހުންނެވެ.


