ދުނިޔޭގެ އިގުތިސާދުން އީރާން އެކަހެރިކުރުމަށްޓަކައި މިހާތަނަށް ގައުމަކާ ދެކޮޅަށް އިގުތިސާދީ ގޮތުން އަޅާ އެންމެ ހަރުކަށި ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނެ ކަމަށް އެމެރިކާ އިން އިއުލާން ކުރުމުން އެކަމަށް އީރާނުން ރައްދު ދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ”އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް“ގެ ނަމުގައި ފެށި މި ހަރަކާތުގެ މައިގަނޑު އަމާޒަކީ އީރާނުގެ ތެލުގެ ވިޔަފާރިއާއި އެހެނިހެން އާމްދަނީ ލިބޭ މަގުތައް ބަންދުކުރުމެވެ. އަދި މި ފިޔަވަޅުތަކާއެކު، އީރާނާ އެކު ވިޔަފާރިކުރާ އެހެން ގައުމުތަކާއި ކުންފުނިތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ބުނެފަ އެވެ.
އެކަމަށް ރައްދު ދެއްވަމުން އީރާނުގެ އިކޮނޮމިކް މިނިސްޓަރު ވަޒީރު އަލީ މަދަނީޒާދޭ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ތެހެރާން އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި މީގެ ސަބަބުން އެމެރިކާއަށް ކުރިމަތިވާނީ އިތުރު ބަލިވުމެއް ކަމަށެވެ.
އެގޮތުން ޗައިނާ އަދި ރަޝިއާއިން ވެސް އެމެރިކާގެ މި ފިޔަވަޅުތައް ބަލައިގެންފައި ނުވާ ކަމަށާއި އެހެން ގައުމުތަކުންވެސް މި ފިޔަވަޅުތަކާ ދެކޮޅުހަދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
”ސަރުކާރު އޮތީ ދެން އޮންނާނީވެސް ތައްޔާރަށް. މިފަދަ ކަންކަން މެނޭޖްކުރުމަށް ދެ އަހަރުގެ ޕްލޭނެއް އެބަ އޮތް, ތެހެރާނުން މިފަދަ ކަންކަމަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ“ އީރާނުގެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން މަދަނީޒާދޭ ވިދާޅުވި އެވެ.
”އަހަރެމެންގެ އަމިއްލަ ވަސީލަތްތައްވެސް އެބަހުރި، އަދި މި ކުޅިގަނޑު ކުޅެންވީ ގޮތްވެސް އެނގޭ،“ އޭނާ ވިދާޅުވި އެވެ.
ބައެއް އިގްތިސާދީ މާހިރުން ވަނީ މި ފަހަރު އެމެރިކާއިން އިއުލާންކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއާމެދު ސުވާލު އުފައްދައިފަ އެވެ. ސަބަބަކީ މީގެ ކާމިޔާބީ ބިނާވެފައިވަނީ އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުން އަމަލުކުރާނެ ގޮތެއްގެ މައްޗަށް ކަމަށްވާތީ އެވެ.
މީގެ ތެރޭގައި އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމު ކަމަށްވާ ޗައިނާ ހިމެނެ އެވެ. ޗައިނާއިން ވަނީ މީގެ ކުރިން އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ތެހެރާނާއެކު ވިޔަފާރި ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް އީރާނުގެ ވިޔަފާރީގެ އަނެއް ބައިވެރިޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިދިޔަ ހަފުތާގައި ވަނީ އީރާނާއެކު ކުރާ ހުރިހާ މާލީ މުއާމަލާތްތަކެއް ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ.


