ރާއްޖެއަށް މިދިޔަ އަހަރު 25 މިލިއަން ރުފިޔާގެ ކުރުނބާ އެތެރެކުރި، މި އަހަރުގެ މިހާތަނަށް 11 މިލިއަން

މާލޭ މާރުކޭޓު ގޮޅިއަކުން ކުރުނބާ ވިއްކަނީ --- ފޮޓޯ: މިހާރު

ރާއްޖެއަށް މިދިޔަ އަހަރުގެ ތެރޭގައި 24.8 މިލިއަން ރުފިޔާގެ ތާޒާ ކުރުނބާ އެތެރެކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ ތެރެއިން، ވަކިން ހާއްސަކޮށް ރާއްޖެއަށް މި އެތެރެކުރާ ބާވަތްތައް ވީހާވެސް މަދުކުރުން ނޫންނަމަ އެ ބާވަތްތައް އެތެރުނުކޮށްވާނެ ގޮތެއް ހޯދުން ކަމަށެވެ.

އެގޮތުން ކުރުނބާއަށް އެކަނި ބެލި ނަމަވެސް މި އަހަރުގެ މިހާތަނަށް 11 މިލިއަން ރުފިޔާގެ ކުރުނބާ އެތެރެކޮށްފައިވާއިރު، 2025 ވަނަ އަހަރު 24.8 މިލިއަން ރުފިޔާގެ ކުރުނބާ އެތެރެކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ މަސް ބާނައި މަސް އެކްސްޕޯޓް ކުރާ ގައުމެއް ނަމަވެސް ރާއްޖެއަށް މަސް އެތެރެކުރާ މިންވަރުވެސް ހުރީ ’ސަޕްރައިޒިން‘ އަދަދެއްގައި ކަމަށެވެ.

”އެހެންވީމާ އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ އަޅުގަނޑުމެން އަތުގައި ހުރި ވަރަށް އަސާސީ ނޫނިއްޔާމު އަޅުގަނޑުމެންނަށް މިހެން ތިބެފައި މަހެއް ނުޖެހޭނެ ރާއްޖެއަކަށް އެތެރެކުރާކަށް. ކޮކޮނެޓެއް ނުޖެހޭނެ ރާއްޖެއަށް އެތެރެކުރާކަށް. އެހެން ހީވާ ކަހަލަ ބައެއް ކަހަލަ ބާވަތްތައް ވެސް މިހިރީ ހަމަ އަޅުގަނޑުމެން ހީނުކުރާ ވަރަށް އަޅުގަނޑުމެން އެތެރެކުރަންޖެހޭ ވަރަށް އެ ޑިމާންޑް މިއަދު ދިވެހިރާއްޖޭގައި އެބަ ކްރިއޭޓްވޭ،“ ޝިޔާމް ވިދާޅުވި އެވެ.