އެސްޓީއޯ ދެކުނު ފޯރި މި އަހަރުވެސް ފޯރިގަދަ!

އެސްޓީއޯގެ ދެކުނު ފޯރި ހަރަކާތުގެ ތެރެއިން ބޭއްވި ރޭގަނޑުގެ ކެއުން ---

އެސްޓީއޯ ދެކުނު ފޯރި މި އަހަރުވެސް ކުލަގަދަކޮށް ބާއްވައިފި އެވެ.

އެސްޓީއޯ ދެކުނު ފޯރިއަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް, ސްޓޯކް އިން އިސްނަގައިގެން ރާއްޖޭގެ ދެކުނުގައި އެސްޓީއޯގެ ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ހަރަކާތެކެވެ.

އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެސްޓީއޯ އިން ބުނާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުން އެއްތާކުން ބައްދަލުވެ, ގުޅުން ބަދަހިކޮށް, އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ތަމްރީނާއި ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމެވެ.

އެގޮތުން މި އަހަރުގެ އެސްޓީއޯ ދެކުނު ފޯރި ބާއްވާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ރެކްރިއޭޝަނަލް ހަރަކާތްތަކުގެ ތެރެއިން މުބާރާތްތަކާއި ސްޓާފުންނަށް ތަމްރީންވެސް ދީފައިވާއިރު, ހަރަކާތުގައި އެސްޓީއޯގެ ލާމު އަތޮޅު ފޮނަދޫ, ފުވައްމުލައް, ތިނަދޫ ސިޓީ އަދި ހުޅުމީދޫ އާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވި އެވެ.

ރެކްރިއޭޝަން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފަސް ޓީމުގެ މައްޗަށް ބަހާލައިގެން ޕޮއިންޓް ދީގެން އެންމެ މޮޅު ޓީމު ހުވާ ގޮތަށެވެ. އެގޮތުން ވޮލީބޯޅަ, ޗެސް, ބެޑްމިންޓަން, ޓީޓީ އަދި ކެރަމް މުބާރާތެއް ބޭއްވި އިރު, ކޮންމެ މުބާރާތަކުން 1 ވަނަ, 2 ވަނަ އަދި 3 ވަނަ ވަނީ ހޮވައިފަ އެވެ.

އެސްޓީއޯ ދެކުނު ފޯރީގައި ބައިވެރިވި މުވައްޒަފުންނަށް ހިންގި ތަމްރީންތަކުގެ ތެރޭގައި ފަސްޓް އެއިޑް, ފަޔާ އެވެއާނަސް, ފޯނުން މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި ޓީމު ބިލްޑިން އަދި މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާބެހޭ ޓްރެއިނިންތައް ހިންގި އެވެ.

އެސްޓީއޯ ދެކުނު ފޯރި ހަރަކާތް ނިންމުމުގެ ގޮތުން ހާއްސަ ރޭގަނޑުގެ ކެއުމެއްވެސް ވަނީ ބާއްވައިފަ އެވެ. އެ ހަރަކާޓުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.