ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ މަގުމަތިން ވިއްކި ޕާކިން ޖާގަތަކުގެ އޮޑެއް ހަދަނީ

މާލޭގެ މޭޔަރު އާދަމް އާޒިމް ---

މާލެ ސިޓީގެ މޭޔަރުކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު, މާލޭގެ މަގުމަތިން ޕާކިން ޖާތަކެއް ވިއްކި މައްސަލައިގެ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރުމަށްޓަކައި, އެ މައްސަލަ މާލެ ސިޓީ ކައުންސިލުގެ އޮޑިޓް ކޮމިޓީއަށް ފޮނުވައިފި އެވެ.

މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކާއި ބައެއް ޕާކިން ސަރަހައްދުތަކުގައި އަގު ދައްކައިގެން ވެހިކަލް ޕާކުކުރެވޭ ގޮތަށް އޭރުގެ މާލެ ސިޓީ ކައުންސިލުން ހުޅުވާލި އެވެ. އަދި ފަހުން މާލެއިން 1,000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށްވެސް ނިންމި އެވެ. އެ ޖާގަތައް ދޫކުރީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީވެސް ކުރެވޭ ގޮތަށެވެ.

އެކަމާއި ގުޅިގެން ދިގު މުއްދަތަކަށް ޕާކިން ސްލޮޓް ވިއްކުމަކީ ގާނޫނާއި ގަވާއިރު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެގޮތަށް ޕާކިން ސްލޮޓް ކުއްޔަށް ނުދެވޭނެ ކަމަށް އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން އޭރުގެ މޭލެ ސިޓީ ކައުންސިލަށް އެންގި އެވެ. އަދި ފަހުން އެ މައްސަލައިގެ ތެރެއަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީންވެސް ވަނެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެ މައްސަލަ އޮޑިޓް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުްނސިލް މެންބަރު ހުސެއިން ފުރުޝާން އެވެ. އެ މައްސަލަ ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ފުރުޝާން ވިދާޅުވީ, މާލޭގެ މަގުމަތި ވިއްކައި ހުސްކުރި ވާހަކައަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ދެކެވެމުން އަންނަ އަދި އަލަށް ދެއްކޭ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން އޭނާގެ ހުށަހެޅުމަކީ އޭރު މަގުމަތިން ވިއްކި 800 އަށްވުރެ ގިނަ ޕާކިން ޖާގަތަކާ ގުޅޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ, މަގުމަތިން އެގޮތަށް ޕާކިން ޒޯންތައް ނުވިއްކޭނެ ކަމަށް ބުނެ އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެލްޖީއޭ އިން އެންގި ނަމަވެސް އޭރުގެ ކައުންސިލުން އެކަން ކުރިއަށް ގެންދިޔަ ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށްވެސް ފުރުޝާން ވިދާޅުވި އެވެ.