3 މިނިސްޓްރީގައި ރޯވުން: ޗިޓާ ހަވާލުނުވެ، ޔާމީން ވިދާޅުވީ އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އަމީނީ މަގުގައި ހުންނަ ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުالله ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެ މަނިކުފާނު ދެކޮޅު ހައްދަވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ ގްރީން ބިލްޑިންގައި ރޯވީ 12 ޑިސެންބަރު 2024 ގައެވެ. ފުލުހުން ބުނާ ގޮތުން އެތަނުގައި އަލިފާން ރޯވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ, އެ އިމާރާތްތަކުގައި ރޯކޮށްލީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުން މިއަދު ބުނީ, ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ, އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށްޓަކައި, ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓު ހަވާލުކުރުމަށް އިއްޔެ ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ގޮސް, މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެން, އެ މަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ލިޔުމުން ޖަވާބެއް ދެއްވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

”އެ ލިޔުމުގައި، މިމައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވެއެވެ,“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ, ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް، ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެއްމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވަ ކަމަށެވެ.