ސައީދުގެ ހިޔާލެއް: 70ގެ އަހަރުތަކުގައި އުޅުނު ގޮތަށް, ބައިސްކަލުގައި ތަންތަނަށް ދިއުން ފެޝަނަކަށް ހަދަމާ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ---

ސިއްހީ ދުޅަހެޔޮކަމަށްޓަކައި ނަމަވެސް ބައިސްކަލުގައި ތަންތަނަށް ދިއުން ފެޝަނަކަށް ހެދުމާމެދު ވިސްނުމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ, ރާއްޖޭގައި ވަރަށް ރީތި ބައިސްކަލްތައް ގެންގުޅުނު ޒަމާނެއްވެސް ދިޔަ ކަމަށާއި އޭރު ސްކޫލަށް ދަނީވެސް ބައިސްކަލުގައި ކަމަށެވެ. މި ޒަމާނުގައި ބެޓްރި ސައިކަލުވެސް ގެންގުޅޭއިރު, އެއީ ’އޯލްޑް ފެޝަނެއް‘ ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑަށް ހީވަނީ އެއިޓީސް ނައިންޓީސްއަށް އަށް ނުވަތަ ސެވަންޓީސްއަށް ގޮސްލުން ވެސް ހަމަ ރަނގަޅުހެން. އެކަހަލަ (ބައިސްކަލް ދުއްވުމެ) ކަންތައްތަކުގައި ދެއްތޯ؟ ހެލްތީ ލައިފްސްޓައިލް މި ހިނގާބިނގާ އުޅެލުން، ބައިސްކަލްގެ ތަނަކަށް އައުން، ފެޝަންއަކަށް އެ ކަންކަން ހެދުން މި ކަހަލަ ކަންތައްތައް,“ ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ, އޭނާ މި ވާހަކަ ދެއްކުމުން މީމްސް އެއްޗެހި ހަދައި މަލާމާތް ރައްދުވި ނަމަވެސް އެކަން ރަނގަޅަށް ކުރަން ބޭނުންވާ ފަރާތްތަކެއްވެސް އުޅެދާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހަރަކާތެއް ފެށެންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.