ފިހާރައަކުން 4 އެކްސެލް ދަޅު ވަގަށް ނަގައިގެން ދާން އުޅުނު މީހަކު 1 މަހަށް ޖަލަށް

ފިހާރައަކުން އެކްސެލް ދަޅުތަކެއް ވަގަށް ނަގައިގެން ދާން އުޅުނު މީހަކު އެއް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖަލަށްލާފައިވަނީ ނ. މާފަރު/ ރެޑިޔަމްގ، އަބްދުލްއަހަދު އަދުނާން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލީ 4 އޮގަސްޓް 2025 ވަނަ ދުވަހުގެ ހެނދުނު ބުރުޒުމަގުގައި ހުންނަ ގަންނަ މާޓް ފިހާރައަށް ވަދެ، އެ ފިހާރައިން 250 އެމްއެލްގެ ހަތަރު އެކްސެލް ދަޅު ނަގައި، އޭނާ ލައިގެން ހުރި ޖީންސުގެ ޖީބުތަކަށް ލައި ފޮރުވައި، އެ ދަޅުތަކަށް ފައިސާ ނުދައްކާ ފިހާރައިން ނުކުމެގެން ދާން އުޅުމުންނެވެ.

މި ދައުވާއަށް، ދައުވާ ރައްދުވާ ފަރާތް ކަމަށްވާ އަދުނާން އިއުތިރާފުވުމުން، މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

އެހެންވެ މައްސަލަ ބަލައި ނިޔާ ކަނޑައެޅި ގާޒީ، މުޒައްމިލު ނާސިރު ނިންމެވީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުން އަދުނާން ކުށްވެރިވެއްޖެ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އޭނަ ތަންފީޒުކުރަންޖެހޭ އަދަބަކީ 16 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކަނޑައެޅި އެވެ.