ޕީއެންސީން އިސްކުރާނީ ގައުމު ކަމަށާއި ވަކި މީހެއްގެ މަސްލަހަތު ނޫން ކަމަށް އެ ޕާޓީގެ ރައީސް އަދި ގައުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ފެށުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ, އެއްވެސް ކަހަލަ އިމެއް ނެތި އަދި ޒިންމާދާރު ކުޑަ ގޮތެއްގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަހަލަ އެއްވެސް ކަމަކަށް ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުމެން އިސްކުރަނީ ހަމަ ޔަގީނުންވެސް ގައުމުން އަޅުގަނޑުމެން އެއްވެސް އަމިއްލަ ވަކި ބޭފުޅެއް, ވަކި މީހެއްގެ މަސްލަހަތެއް ނޫން އިސްކުރަނީ. އަޅުގަނޑުމެން އިސްކުރަނީ ގައުމު, ގައުމިއްޔަތު, ދީނާއި އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަން,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ޕީއެންސީން އަބަދުވެސް މަސައްކަތް ކުރަނީ މާތް މަގުސަދެއްގައި ވަރަށް ސާފު ހިތަކާއި ނިޔަތާއެކުގައި ކަމަށެވެ. އެހެންކަމުން ވަރަށް ބަދަހި ގުޅުމާއި އުފަލާއި އެކުވެރިކަމާއެކު ކުރިއަށް ވަޑައިގަތުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.


