މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ

ދިވެހި ސަރުކާރުން އެދިގެން މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި އަންވަރު ވިދާޅުވީ, އެ ފެސިލިޓީގެ ބޭނުންތެރިކަން ރައީސް މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.

އެގޮތުން މެލޭޝިއާގެ ސެންޓްރަލް ބޭންކް, ބޭންކް ނިގާރާ މެލޭޝިއާގައި ރާއްޖޭގެ ސެންޓްރަލް ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދެއްވަން އެއްބަސްވެވަޑައިގެންފައިވާނެ ކަމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކުން ވީ އެންމެ އަވަހަކަށް ކުރަން އެދިވަޑައިގަންނަވާ ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުންނާއެކު އެ ގައުމުގައި ތިބެން ވިސާ ނުލިބޭ މައްސަލަވެސް ރައީސް މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ.

އެގޮތުން މެލޭޝިއާގައި 2,000 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު, ބެލެނިވެރިންނަށް ވިސާ ނުލިބުމަކީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަކަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.