ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށް ސައޫދީ ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަންގެ ތަރުޖަމާން މޭޖާ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ, އިއްޔެގެ އިރުއޮއްސުނު ފަހުން މައްކާގެ ވައިގެ ސަރަހައްދަށް އެ ޑްރޯން ވަނުމުގެ ކުރިން ރޯޔަލް ސައުދީ އެއާ ޑިފެންސް ފޯސަސް އިން ވަނީ އެ ޑްރޯން ވައްޓާލައިފަ އެވެ.
މިއީ މައްކާއަށް ހަމަލާދޭން ހޫތީން މަސައްކަތް ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ހަމަލާ ދޭން މަސައްކަތްކުރީ 27 ޖުލައި 2017 ގައެވެ. އެ ފަހަރު މައްކާއަށް އަމާޒުކޮށް ފޮނުވާލީ ބެލިސްޓިކް މިސައިލެކެވެ.
މާލިކީ ވިދާޅުވީ, ދެ ހެރަމްފުޅާއި ހައްޖުވެރިންގެ ރައްކާތެރިކަމަކީ ރަތް ރޮނގެއް ކަމަށާއި ހޫތީންގެ އިތުރު ހަމަލާތައް ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި ސައުދީ ކޯލިޝަނުން ފަސް ނުޖެހޭނެ ކަމަށެވެ.


