އަމާންކަމާއި ފުދުންތެރިކަން ލިބޭނީ މަދުވެގެން 10 އަހަރު އެއްވެރިއަކު ވެރިކަމުގައި ހުރެގެން: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ---

ދިވެހިންނަށް އަމާންކަމާއި ފުދުންތެރިކަން ލިބޭނީ މަދުވެގެން ދިހަ އަހަރު އެއްވެރިއަކު ވެރިކަމުގައި ހުރެގެން: އަބްދުއްރަހީމް

ދިވެހި ރައްޔިތުންނަށް އަމާންކަމާއި އެކީގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ރައްޔިތަކަށް ހަދަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ މަދުވެގެން ދިހަ އަހަރު އެއްވެރިއަކު ރާއްޖޭގެ ވެރިކަމުގައި ހުރެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅިފައި އޮތީ ޕީއެންސީއާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަންމަވާލައްވައި, އެ ރޮނގު ހުރަސްކުރުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވައި, އަމިއްލަ ބާރުގައި ދިވެހިންގެ ދިވެހިރާއްޖެއެއް ބިނާކުރުމަށްޓާކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ފުރުސަތު ދެއްވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

”ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަން އެބަޖެހޭ. ދިވެހިރާއްޖެ ތަރައްޤީގެ މަގު ކުރިއަރައިގެންދާން އެބަޖެހޭ. ދިވެހި ރައްޔިތުން އަމާންކަމާ އެކީގައި ދިރިއުޅުމުގެ ފުރުސަތު ދޭން އެބަޖެހޭ. ދިވެހި ރައްޔިތުންނަކީ ފުދުންތެރި ރައްޔިތަކަށް ހަދަން އެބަޖެހޭ. މިކަން ކުރެވޭނީ ދިހަ އަހަރު، މަދުވެގެން ދިހަ އަހަރު އެއްވެރިއަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން,“ އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަމުގައި ތިބެގެން މިނިވަންކަމާއެކީގައި ތަރައްގީގެ މަގުގައި ކުރިއަރައިގެންދިއުމުގެ ގާބިލުކަން ހުރި އަދި އެކަން ކުރުމުގެ ތަސައްވުރެއް އޮތް ޕާޓީއަކީވެސް ޕީއެންސީ ކަމަށެވެ.