ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދޭން ޕީއެންސީގެ ކޮންގްރެސްއިން ފާސްކޮށްފި

ރިޔާސީ ޕްރައިމަރީއަކާ ނުލައި، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީގެ ކޮންގްރެސް އިން މިއަދު ފާސްކޮށްފި އެވެ.

ޕީއެންސީން މިހާރު ކުރިއަށް ގެންދާ ކޮންގްރެސްގައި އެގޮތަށް ފާސްކުރީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅި ގަރާރަކަށް ބަހުސްކުރުމަށްފަހު އެވެ.

ގަރާރު ހުށަހަޅުއްވަމުން އަބްދުﷲ އިބްރާހިމް ބުނީ ރައީސް މުއިއްޒު ގައުމަށް ގެންނަވަމުން ގެންދަވާ ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ ދަތުރު މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެ މަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ހައްގުވާ ކަމަށް ޕީއެންސީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

އަދި ޕީއެންސީގެ އަސާސީ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅައިފިނަމަ، ޕްރައިމަރީއަކާ ނުލާ ރިޔާސީ ޓިކެޓު ލިބުނީ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

”…2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވައި ވާދަކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށް ޓަކައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެ މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުަމަށް ރަސްމީކޮށް ދެންނެވުަމުގެ ގޮތުން މި ގަރާރު މި މަޖިލީހުން ފާސްކުރުމަށް ހުށަހަޅަމެވެ،“ ރައީސަށް ޓިކެޓް ދޭން ހުށަހެޅި ގަރާރުގައިވެ އެވެ.

އެ ގަރާރު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.