ރާއްޖޭގެ އިގުތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވެއްޖެ, ބީއެމްއެލްގައި ވެސް ނެތް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް 50 މިލިއަން ޑޮލަރު މިއަދު ދެއްކީ އަތުޖެހުނު ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 200 މިލިއަން ޑޮލަރު ނެގީ 2019 ވަނަ އަހަރު އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާ އިން އޮތީ މާފުކޮށްދީފަ އެވެ. ބާކީ އޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އަދި އިތުރު 50 މިލިއަން ޑޮލަރު މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ދައްކައިފަ އެވެ.

މިއަދު ސަރުކާރުން އެ ފެސިލިތީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކައި ނިންމާފައިވާ ކަމަށާއި އެއާއެކު 150 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައިވާ ކަމަށް ބުނެފަ އެވެ.

އެއާއެކު ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ތައުރީފު ކުރަމުންދާއިރު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އިންޑިއާއަށް ދަރަނި ދައްކަންޖެހުނީ ރޯލް-އޯވާ ނުކުރެވުނީމަ ކަމަށާއި މިއީ އަތްޖަހައި, ސިޔާސީ ޕޮއިންޓް ހޯދަންވީ ކަމެއް ނޫން ކަމަށެވެ.

”(ޓީ-ބިލް) ދެއްކީ އަތުޖެހެން ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން. ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން. މިހާރު ބީއެމްއެލްގައިވެސް ޑޮލަރެއް ނެތް. އާންމުންގެ ޓްރާންސްފާތަކާއި ޓީޓީވެސް ވަނީ ހުއްޓިފައި,“ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މި ސަރުކާރުން ވެރިކަމަށް ވަޑައިގަންނަވަމުން ކުރީ ސަރުކާރުގެ ދަރަނި ރީސްޓްރަކްޗާކޮށް ދިވެހިންނަށް ލުއި ގޮތް ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް މި ސަރުކާރަށް އެކަމެއް ނުވި ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށްވީ, އަދި ވަނީ ހައްތަހާ ބުރަ ކަމަށްވެސް ވިދާޅުވި އެވެ.