ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި އަންހެނަކު ޖޭ-ލޯއާ ވައްތަރުވެގެން ބޮޑު ސަމާލުކަމެއް!

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއް; މީހާއާއި ޖެނިފާ ލޮޕޭޒް ވައްތަރުކަމުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފައި ---

އެމެރިކާގެ މިނެސޯޓާގެ ފިހާރައަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނަކު، ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްއާ ހައިރާންވާހާ ބޮޑަށް ވައްތަރުވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި ވައިރަލްވެއްޖެ އެވެ.

”ދަ ވޮޗް އެމްއެން“ އަށް ލިބިފައިވާ ޖިނާއީ ޝަކުވާގެ ރިޕޯޓުގައިވާ ގޮތުން، އުމުރުން 35 އަހަރުގެ ސައިރީނާ އޭން ކުއާސްޓް ހައްޔަރުކޮށްފައިވަނީ އޮގަސްޓް 30 ވަނަ ދުވަހު މޮންޓިސެލޯގެ ފިހާރައަކުން ގާތްގަނޑަކަށް 580 ޑޮލަރުގެ އަގުހުރި، ޕަވާ ޓޫލްސްގައި ބޭނުންކުރާ ޑަބަލް ޕެކް ދެ ބެޓެރި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ފަހުން އޭނާ ވަނީ ބެޓެރި ޕެކްތައް ވަގަށް ނެގި ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަ ދައުވާއެކެވެ. ނަމަވެސް، އޭނާ ހައްޔަރުކުރި ހަބަރަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނީ ރައިޓް ކައުންޓީ ޝެރިފްސް އޮފީހުން ނެގި އޭނާގެ ފޮޓޯ އިންޓަނެޓުގައި އާންމުވުމުންނެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި އަންހެން މީހާ (ކ) އަދި ޖެނީފާ (ވ) —

 

އޮންލައިން ރެކޯޑުތަކުން ދައްކާ ގޮތުގައި މިއީ ސައިރީނާ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އޭނާ ވަނީ ޑުރަގް ގެންގުޅުމާއި މަސްތުގެ ހާލަތުގައި ދުއްވުމާއި ފުލުހުންނަށް ފިލަން އުޅުމާއި ދޮގު މައުލޫމާތާއި ވަނަވަރު ދިނުމުގެ އިތުރުން ޓްރެފިކާ ގުޅޭ އެތައް ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ކުރިން ޖަހާފައި އިން ސުރުހީއާ ގުޅިގެން ބައެއް ކިޔުންތެރިންގެ ކަންބޮޑުވުން އޮތަތީވެ، ސުރުހީ ވާނީ ބަދަލުކުރެވިފައެވެ. ކިޔުންތެރިންގެ ފާޑުކިޔުމަކީ ހަފުތާއަށް ލިބޭ އެންމެ ބޮޑު ތަރުހީބެވެ.