ޖަލަށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދިފާއުގައި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާތަކާ ގުޅިގެން، އޭނާގެ ކޮއްކޮ އަލީމާ ހާނަމް ހައްޔަރުކޮށްފައިވާ ކަމަށް އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނެފި އެވެ.
އަލީމާ ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ލާހޯރުންނެވެ. އެއީ ”ޣައިރުގާނޫނީ ހައްޔަރުކުރުމެއް“ ކަމަށް ޕީޓީއައި އިން ބުނަމުންދާއިރު, އަލީމާ ދޫކޮށްލުމަށް އޭނާގެ ފިރިހެން ދަރިފުޅު ދަނީ ގޮވާލަމުންނެވެ.
ލާހޯރުގެ ޑެޕިއުޓީ ކޮމިޝަނަރު ނެރުއްވި ހައްޔަރު އަމުރުގައި އަލީމާއަށް ތުހުމަތުކޮށްފައިވަނީ، ގާނޫނާއި އަމަންއަމާންކަން ގެއްލުވާލުމުގެ ހާލަތްތައް އުފެއްދުމަށާއި އަދި އާންމުންގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަލައިނުގަނެވޭ ފަދަ ޝިއާރުތައް އުފުލައި އަޑުގަދަކުރުމަށް ސޯޝަލް މީޑިއާ އަދި އާންމު އެއްވުންތައް މެދުވެރިކޮށް އިމްރާން ޚާނަށް ތާއީދުކުރާ މީހުން އެއްކުރަމުންދާ ކަމަށެވެ. އަދި އޭނާ ލާހޯރުގެ ކޮޓް ލަކްޕަތް ޖަލުގައި 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓާނެ ކަމަށްވެސް އެ އަމުރުގައިވެ އެވެ.
އަލީމާއަކީ އޭނާގެ ބޭބެ ޖަލުގައި ބަންދުކޮށްފައިވާ މައްސަލައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، އަދި އިމްރާންގެ ސަޕޯޓަރުންނާއި މީޑިއާތަކާ ގަވާއިދުން ވާހަކަދައްކަވާ ބޭފުޅެކެވެ.
އިމްރާން ހާންގެ ދިފާއުގައި ސެޕްޓެމްބަރު 27 ގައި މުޅި ގައުމުގައި ބޭއްވުމަށް ރާވަމުންދާ މުޒާހަރާގައި ރާވާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ހިނގާލުމެއް ބޭއްވުމަށެވެ. އެ މުޒާހަރާއާ ގުޅިގެން އެ ސިޓީގެ ސަރުކާރުގެ އިމާރާތްތައް ރައްކާތެރިކުރުމަށް މަގުތަކުގައި މިހާރުވެސް ވަނީ ޝިޕިން ކޮންޓޭނަރުތައް އަތުރައިފަ އެވެ.
ޕާކިސްތާނުގެ ދާހިލީ މިނިސްޓަރު ވަނީ އެ މުޒާހަރާތަކުގެ ސަބަބުން ގައުމަށް ގެއްލުންވާ ކަމަށާއި މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަމުގައި ހުންނެވި ދުވަސްވަރު ލިބިވަޑައިގެންނެވި ހަދިޔާތައް ވިއްކައިގެން ލިބުނު ފައިސާ ހާމަނުކުރި މައްސަލައިގައި 2023 ވަނަ އަހަރު ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި ހިސާބުން ފެށިގެން، އިމްރާން ހުންނެވީ ބަންދުގައެވެ. އެ މައްސަލައިގައި 2024 ވަނަ އަހަރު 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު, ހަމަ އެ އަހަރު ދައުލަތުގެ ސިއްރުތަކެއް ލީކުކުރިކަން ސާބިތުވި ކަމަށް ކަނޑައަޅައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މީގެ އިތުރުން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މުއްދަތުގައި އޭނާގެ އަލް-ގާދިރު ޓްރަސްޓުން ޔުނިވާސިޓީއެއް ހެދުމަށް ޕާކިސްތާނުގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއްގެ އަތުން ބިމެއް ހޯދުމުގައި މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަން ހިންގި ކަމަށް ކަނޑައަޅައި 14 އަހަރަށް ޖަލަށްލާންވެސް ވަނީ ހުކުމްކޮށްފަ އެވެ.


