ހަރަމްފުޅުގެ މުއައްޒިން ޝައިޚް އިބްރާހީމް އަލް މަދަނީ އަވަހާރަވެއްޖެ, އެންމެފަހު ބަންގި ދެއްވީ ފަތިސް ނަމާދަށް

މައްކާގެ މަސްޖިދުލް ހަރާމްގެ އެއް މުއައްޒިން، ޝައިޚް އިބްރާހީމް އަލް މަދަނީ އަވަހާރަވެއްޖެ ކަމަށް އިންސައިޑް ދަ ހަރަމައިން އިން ރިޕޯޓްކޮށްފި އެވެ.

ހަރަމްފުޅާއި މަދާނީގެ މަސްޖިދުލް ނަބަވީއާ ގުޅޭ އެންމެ ފަހުގެ ހަބަރުތަކާއި ފޮޓޯ އަދި ވީޑިއޯތައް ރަސްމީކޮށް ގެނެސްދޭ މީޑިއާ ނެޓްވޯކު, އިންސައިޑް ދަ ހަރަމައިން އިން ބުނީ, ޝައިހް އިބްރާހިމް އަލް މަދާނީ އެންމެ ފަހުން ހަރަމްފުޅުގައި ބަންގި ދެއްވީ މިއަދުގެ ފަތިސް ނަމާދަށް ކަމަށެވެ. މިއީ އިސްލާމްދީނުގެ އެންމެ މާތް މިސްކިތުގައި އޭނާ ދެއްވި އެންމެ ފަހު ބަންގި އެވެ.

ޝައިޚް އިބްރާހީމް އަލް މަދަނީގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ހަރަމްފުޅުގައެވެ. އެ މަނިކުފާނު ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަލް މުއައްލާ ގަބުރުސްތާނު ގައެވެ.

ޝައިހް އިބްރާހީމްގެ ތައާރަފެއް

1976 ވަނަ އަހަރު މަދީނާއަށް އުފަންވެވަޑައިގެންނެވި ޝައިހް އިބްރާހީމް އަލް މަދަނީ ބޮޑުފުޅުވީ ދީނީ މާހައުލެއްގައެވެ. އަދި އެ މަނިކުފާނަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި އޭނާގެ ކާފާފުޅުގެ ފަރާތުންނެވެ. އޭގެ ފަހުން އެ މަނިކުފާނު ވަނީ ގުރުއާނިކް ސްޓަޑީޒްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ.

ޝައިހް އިބްރާހިމް އަލް މަދަނީގެ މުއައްޒިންކަމުގެ ދަތުރުފުޅު ފެއްޓެވީ އުމުރުފުޅުން އެންމެ 15 އަހަރުގައި މަދީނާގެ އަވަށު މިސްކިތަކުންނެވެ. އެގޮތުން ކޮލެޖް ނިމެންދެން އަވަށްޓެރި އިތުރު ތިން މީހުންނާ އެކު، ބަހާލައިގެން މުއައްޒިންކަން ކުރެއްވި އެވެ. ނަމަވެސް މަދީނާއިން ބޭރުގައި ކިޔަވައިދިނުމުގެ ޒިންމާތަކެއް އަދާކުރައްވަން ޖެހިވަޑައިގަތުމުން، މުއައްޒިންކަމާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނެވެ.

ހިޖުރީ ގޮތުން 1428 ވަނަ އަހަރު (2007–2008) މަސްޖިދު އަލް މަދާޙުގައި އަލުން ބަންގި ގޮވަން ފެއްޓެވުމަށް އޭނާއަށް ދައުވަތު ލިބިވަޑައިގެންނެވި އެވެ. އަދި މައްކާގެ މަސްޖިދުލް ހަރާމްގެ މުއައްޒިންކަން ލިބެންދެން އެ މަނިކުފާނު ހުންނެވީ އެ މިސްކިތުގައެވެ. ހަރަމްފުޅުގެ މުއައްޒިނެއްގެ މަގާމަށް އެ މަނިކުފާނު ރަސްމީކޮށް އައްޔަންކުރެވުނީ ހިޖުރީ ގޮތުން 1439 ވަނަ އަހަރު (2017–2018) ގައެވެ.

މީގެއިތުރުން، ބައްޕާފުޅާއެކު މައްކާއަށް ކުރެއްވި ޒިޔާރަތްތަކުގައި، ހަރަމްފުޅުގެ ކުރީގެ މުއައްޒިނެއް ކަމަށްވާ އަދި އެ މަނިކުފާނުގެ ކާފާފުޅުގެ ރަޙުމަތްތެރިއެއް ކަމަށްވާ ޝައިޚް އަބްދުއްލަތީފް މުއްލާއާ ބައްދަލުވެ، މައްކާގެ ހާއްސަ ބަންގީގެ ރާގުތަކާއި ވައްޓަފާޅިއަށްވެސް އޭނާ އަހުލުވެރިވެވަޑައިގެންނެވި އެވެ.