ވ. ފުލިދޫގައި ބޭއްވި މޫދު ކުލާހެއްގައި ނޭވާލާން އުނދަގޫވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އިއްޔެ 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ.
ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، 18:14 އެހައިކަންހާއިރު މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ، ބ. ކުޑަރިކިލު، ރޮކެޓް، ޢާއިޝަތު އާތިފާއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 39 އަހަރެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.


