ފަޅުރަށެއްގައި ޑުރަގް ފޮރުވައި, އޭގެ ވިޔަފާރި ކުރި މީހަކު 25 އަހަރަށް ޖަލަށްލައިފި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ސާބިތުވެ, ޖަލަށް ލާން ހުކުމްކޮށްފައިވަނީ ގދ. ގައްދޫ/ ނޫރީގެ, އަލީ ޝަޒީނު, 37އ. ގެ މައްޗަށެވެ. އޭނާއަށް އެ ހުކުމް އިއްވީ 4 އޮކްޓޫބަރު 2026 ގައެވެ.

އޭނާ ހައްޔަރުކުރީ ގައްދޫ ކައިރީގައި އޮންނަ ގަމުގައި ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި ޑުރަގް ރައްކާކޮށް, އެ ތަކެތި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާސްކުރުމުގެ ތެރޭގައި ޑުރަގާއި ބަނގުރާ ފެނުނު މައްސަލައެއްގައެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ 10 އޮގަސްޓް 2021 ގައެވެ. މި މައްސަލައިގައި ތަހުގީގު ނިންމައި, އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 1 ސެޕްޓެމްބަރު 2021 ގައެވެ.