އެކްސިޑެންޓުވީ ތިން މީހުން އަރުވައިގެން ވަން-ވޭއާ ދެކޮޅަށް އައި ސައިކަލަކާއި އިތުރު ސައިކަލެއް ޖެހިގެން

ހުޅުމާލެ 2 ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން ބިންމަތީގައި އަދި ފުލުހުން އެ ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވަނީ.---ފޮޓޯ: ޖީލު އޮންލައިން

ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ ތިން މީހުން އަރުވައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ, ހުޅުމާލެ ފޭސް 2, ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ރަސްމީ ތަރުޖަމާން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ’ހަފްތާ‘ އަށް ވިދާޅުވީ, އެ އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ތިން މީހުން އަރުވައިގެން ރަންވޭއާ ދެކޮޅަށް ދުއްވާފައި އައި ސައިކަލެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި ތިބީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

ނަމަވެސް އެ ސައިކަލު އެކްސިޑެންޓުވީ ފުލުހުން އެ މީހުންގެ ފަހައި ދުއްވުމުގެ ސަބަބުން ކަމަށް ބުނާ ވާހަކަ ޝިޔާމް ވަނީ ދޮގުކުރައްވައިފަ އެވެ.