ހުޅުމާލެ ފޭސް 2, ނިރޮޅުމަގުގައި ރޭ ދަންވަރު ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ބުނީ, ރޭ ދަންވަރު 2:55 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެއީ ކޮން އުމުރެއްގެ ކޮން ޖިންސެއްގެ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެ މީހުންނަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއްވެސް އަދި ސާފެއް ނޫނެވެ.
ފުލުހުން ބުނީ, އެ އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި ތިން މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށް ކަމަށާއި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ސައިކަލު ދުއްވީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ބުންޏެވެ.


