ވަންވޭއާ ހިލާފަށް އައީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ، ލައިސެންސެއް ނެތް!

ހުޅުމާލެ ފޭސް 2, ނިރޮޅުމަގުގައި ރޭ ދަންވަރު ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި ވަންވޭއާ ހިލާފަށް ދުއްވާފައިވާ އައި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ދަންވަރު 2:55 އެހައިކަންހާއިރު ހިނގި ދެ ސައިކަލު ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް އެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ބުނީ, އެ އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި ތިން މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށް ކަމަށާއި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި  އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ބުންޏެވެ.