ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި އެގައުމުގެ ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ”ސްޓަން ގްރެނޭޑް“ ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވުމާއި ގުޅިގެންނެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާ ދެކޮޅަށް، ސުކޫލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައި އަންގާރަ ދުވަހު އެގައުމުގެ އެކި ސިޓީތަކުގައި އެތައް ހާސް ކިޔަވާކުދިންނެއް ވަނީ މުޒާހަރާކޮށްފައެވެ. މި ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ރައީސް އިމަނުއަލް މެކްރޮން ވަނީ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫގެ އިތުރުން ބައެއް ވަޒީރުންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
ފަރަންސޭސި ވިލާތުގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ބުދަ ދުވަހުގެ ހެނދުނު އާރު.ޓީ.އެލް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މުޒާހަރާތަކުގައި ފުލުހުން ”ސްޓަން ގްރެނޭޑް“ ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލުމަށް މިހާރު އަމުރުކުރައްވާފައިވާ ކަމަށެވެ.
”ހިނގައިދިޔަ ހާދިސާގެ ހަގީގަތް ސާފުވަންދެން، ސާނަވީ މަދަރުސާތަކުގެ ދަރިވަރުން ކުރާ މުޒާހަރާތަކުގައި މިފަދަ އާލާތްތައް ބޭނުންކުރުން މަޑުޖައްސާލުމަށް އަޅުގަނޑު ވަނީ ނިންމާފައި،“ ނޫނޭޒް ވިދާޅުވިއެވެ.
އަދި މި ނިންމުމަކީ ހަމައެކަނި ސާނަވީ ދަރިވަރުންގެ މުޒާހަރާތަކަށް އަމާޒުކޮށް، ހާދިސާ ހިނގި ގޮތް ދެނެގަތުމަށްޓަކައި ނިންމި ވަގުތީ ނިންމުމެއްކަމަށްވެސް ނޫނޭޒް ވިދާޅުވިއެވެ.
މުޒާހަރާގެ ބައިވެރިވި ކިޔަވާކުދިންތަކަކަށް އަމާޒުކޮށް މިދިޔަ ހޯމަ ދުވަހު ފުލުހުން ފޮނުވާލި މިފަދަ ގްރެނޭޑެއްގެ ސަބަބުން 15 އަހަރުގެ ކުއްޖެއްގެ އަތް ބުރިވެފައިވާއިރު ޕެރިހުގެ ހުޅަނގު އުތުރު ސަރަހައްދުގައި އުމުރުން 14 އަހަރުގެ ދަރިވަރަކަށް އަމާޒުކޮށް އާދަޔާޚިލާފަށް ކައިރިން ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން އެ ކުއްޖާގެ މޫނުވަނީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ.އަދި މި ހާދިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ފުލުހަކަށް ވަނީ ދައުވާ އުފުލާފައެވެ.
ފުރާންސްގައި މިހާރު ކުރިޔަށްދާ މުޒާހަރާތައް ފެށުނު ފަހުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާފައިވާ ބައެއް ނޭދެވޭ އަމަލުތަކާ ގުޅޭ 18 މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ނޫނޭޒް ވިދާޅުވިއެވެ.


